މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) ގެފަރާތުން އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.
މިއާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ވަނީ ހަމަޖައްސައިފައެވެ.
އެމްއެމްޕީއާރްސީން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.

އެ ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
އެގޮތުން މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިއެސްބަސްވުމުގެ ދަށުން ވިޒިޓް މޯލްޑިވްސްއަށް ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ބައިނަލްއަގްވާމީ ސަޕޯޓަރުންގެ ނުހަނު ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އަދި ކްލަބުގެ މަގްބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ އެވެ. އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100+ މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީ އިން ލަފާކުރެވެއެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ ކަމަށެވެ. އެއާއެކު ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުންވެސް ހިމެނެ އެވެ.
ލިވަޕޫލްގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ އެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނާޝިޕްގެ ޓާގެޓް ހާސިލްކުރެވިގެންދާނެ އެވެ.