- Advertisement -spot_img

ރަޝިޔާ އާއި އަފްޣާނިސްތާނުން އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި

މެދުތެރޭ އޭޝިއާގެ ސަލާމަތީ މަސްރަޙު އެއްކޮށް ބަދަލުކޮށްލުމަށްޓަކައި، ރަޝިޔާގެ ސަރުކާރާއި އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރާ ދެމެދު ރަސްމީ އަސްކަރީ އަދި ޓެކްނިކަލް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޮސްކޯ ސަރަޙައްދުގައި ބޭއްވުނު ބައިނަލްއަޤްވާމީ ސަލާމަތީ މަހާސިންތާގެ ތެރެއިން، ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ސަރްގޭ ޝޮއިގޫ އާއި އަފްޣާނިސްތާނުގެ ދިފާޢީ ވަޒީރު މުޙައްމަދު ޔަޢުޤޫބު މުޖާހިދު ވަނީ މި އެއްބަސްވުމުގައި ސޮއިކޮށް، ދެޤައުމުގެ އަސްކަރީ ގުޅުން އައު މަރުޙަލާއަކަށް ގެންގޮސްފައެވެ.

ބައިނަލްއަޤްވާމީ އަސްކަރީ ރިޕޯޓްތަކުން ކަށަވަރުވާ ގޮތުގައި، މި ސްޓްރެޓީޖިކް ޕްލޭނުގެ ދަށުން މެދުތެރޭ އޭޝިއާގެ ސަރަޙައްދީ ބާރުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

އަފްޣާނިސްތާނުގެ ދިފާޢީ ވަޒީރު މުއްލާ ޔަޢުޤޫބު ކާބުލް އެއަރޕޯޓުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ އަފްޣާނިސްތާނުގައި ހުރި ރަޝިޔާ/ސޯވިއެޓް ޒަމާނުގެ ބަރު ހަތިޔާރުތަކާއި، އަސްކަރީ ހެލިކޮޕްޓަރުތަކާއި، އަދި ހަނގުރާމަމަތީ މަތިންދާބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ސްޕެއާ ފާރޓްސް މޮސްކޯއިން ފޯރުކޮށްދިނުމެވެ۔.

ޠާލިބާން ސަރުކާރުން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އަފްޣާނިސްތާނުގެ ދިފާޢީ ނިޒާމު ވަރުގަދަވެ، އަވަށްޓެރި ބައެއް ޤައުމުތަކުން (ޚާއްޞަކޮށް ޕާކިސްތާނުން) އަފްޣާނިސްތާނުގެ ބިމަށް ދެމުންދާ ރޮކެޓް ޙަމަލާތަކާއި ވައިގެ އުދުވާންތައް ހުއްޓުވުމުގެ ފުރިހަމަ އަސްކަރީ ޤާބިލުކަން ލިބިގެންދާނެއެވެ.

ރަޝިޔާއިން ޠާލިބާން ސަރުކާރަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ބައިވެރިއެއްގެ ގޮތުގައި ރަސްމީކޮށް ޤަބޫލުކޮށް، މިފަދަ ދިފާޢީ އެއްބަސްވުންތަކެއް ހެދުމުން ސާފުވަނީ، ދުނިޔޭގައި ހަމައެކަނި ވޮޝިންގޓަނުގެ އަމުރު ހިނގާ ޒަމާން މުޅިން ނިމި، ބާރުތައް ބެހިފައިވާ އައު ”މަލްޓި-ޕޯލަރ“ ނިޒާމެއް ދުނިޔޭގައި ޤާއިމުވެއްޖެކަމެވެ.

ގުޅުންހުރި ލިޔުންތައް