- Advertisement -spot_img

އެންސްޕާގެ “މެޑިކަލް ވެލްފެއަރ ސްކީމް“ އާސަންދައިގެ ދަށަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ދަށުން މިހާރު ހިންގަމުންދާ ”މެޑިކަލް ވެލްފެއަރ ސްކީމް“ އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ 1 ޖޫން 2026 އިން ފެށިގެންނެވެ.

މި ބަދަލާއެކު، މީގެ ކުރިން އެންސްޕާ މެދުވެރިކޮށް ދެމުން އައި ގިނަ ހިދުމަތްތަކެއް ދެން ބަލަހައްޓާނީ އާސަންދަ ކުންފުނިންނެވެ. އޭގެ ތެރޭގައި ގޯޝަން ބަލި ތަހައްމަލުކުރާ ފަރާތްތަކަށާއި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގެ އިތުރުން، ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނުހިމެނޭ ބޭސްތައް ހޯދުމަށް ދެވޭ އެހީތެރިކަން ހިމެނެއެވެ.

މީގެ އިތުރުން، އާސަންދައިގެ ދަށުން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ އިތުރު ޓިކެޓާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީވެސް ދެން ހަމަޖެހިގެންދާނީ މި ސްކީމުގެ ތެރެއިންނެވެ. އަދި އާސަންދައިން ކަވަރު ނުކުރާ ޓެސްޓުތަކާއި، ފަރުވާއަށް ބޭނުންވާ އެކިއެކި އާލަތްތަކާއި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ދެވޭ އެހީވެސް މި ބަދަލާއެކު އާސަންދައިގެ ދަށަށް ބަދަލުވާނެއެވެ.

އާސަންދައިގެ ދަށަށް ބަދަލުވާ މުހިންމު އެހެނިހެން ހިދުމަތްތައް:

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ހަދަންޖެހޭ ފޮލޯއަޕްތައް.

އަމިއްލަ ހަރަދުގައި ބޭރަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވާ ދަތިތަކަށް ދެވޭ އެހީ.

ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުމާއި ހޮސްޕިޓަލް ބަދަލުކުރުމުގެ ކަންކަން.

މެރަނަ ސްކީމުގެ ދަށުން ދެވޭ އެމަޖެންސީ ކަވަރޭޖް ބޮޑުކޮށްދިނުން.

ވެލްފެއަރ ލިމިޓް އިތުރުކުރުމަށް ހުށަހަޅާ ރީކޮންސިޑަރޭޝަން މައްސަލަތައް ބެލުން.

ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ދައުލަތުން ދޭ ބޭސްފަރުވާގެ އެހީގެ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން، އާސަންދަ ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. މި ބަދަލާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް އިދާރީ ގޮތުން ދިމާވާ ތަކުލީފުތައް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް