އަންނަ ހޯމަ ދުވަހު މާލޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމެއްގެ ޓީމުތައް ރާއްޖެ އަތުވެއްޖެއެވެ.
ޖުމްލަ ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވަނީ އަފްޣާނިސްޠާން، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
އިއްޔެ ހެނދުނު އެންމެ ފުރަތަމަ ރާއްޖެ އައީ 12 ކުޅުންތެރިންނާއެކު އައި އަފްޣާނިސްޠާން ޓީމެވެ. އެއަށްފަހު މެންދުރުފަހުގެ ވަގުތެއްގައި ބަންގްލަދޭޝްގެ “ބީ” ޓީމާއި ޕާކިސްތާން ޓީމު ވެސް ވަނީ ރާއްޖެ އައިސްފައެވެ. މި ތިން ޓީމުގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމު ވެސް ކޭމްޕް ކުރާނީ ބާސެލޯ ނަސަންދުރައިގައެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި މުބާރާތް ކުރިއަށްދާނީ ޖޫން 1 އިން 10 އަށެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ އެންޑް ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމްއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝްއެވެ. އަދި ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި އަފްޣާނިސްތާނެވެ.



