- Advertisement -spot_img

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ފޭރިގަތުމަށް ޖައްބާރު ނަތަންޔާހޫ އަމުރުކޮށްފި

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު އިޒްރޭލުގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުގެ ދިފާއީ ބާރު (އައިޑީއެފް) އަށް އަމުރުކުރައްވާފައިވާނެ ކަމަށް އެ ގައުމުގެ ހައްދުފަހަނަ އަޅާފައިވާ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޖައްބާރު ނަތަންޔާހޫ ބުނީ، މިހާރު ހަމާސްއަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށާއި، ޣައްޒާގެ 60 އިންސައްތަ ސަރަހައްދު މިހާރު އޮތީ އިޒްރޭލުގެ ބާރުގެ ދަށުގައި ކަމަށެވެ. ކުރިން 50 އިންސައްތައިގައި އޮތް ކޮންޓްރޯލް 60 އަށް އިތުރުކޮށްފައިވާކަން ފާހަގަކޮށް، އޭނާގެ އަމުރަކީ އެ އަދަދު އިތުރުކުރުން ކަމަށް ބުނަމުން، އެއްވެފައި ތިބި މީހުންގެ ތެރެއިން މީހަކު ”100 އިންސައްތަ“ އަށް ހެދުމަށް ގޮވާލިއެވެ.

އެކަމަށް ރައްދުދެމުން ނަތަންޔާހޫ ބުނީ، ކަންކަން ކުރަންވާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކަމަށާއި، އެންމެ ފުރަތަމަ އަމާޒަކީ 70 އިންސައްތަ ކަމަށެވެ. އަދި ހުރިހާ ފަރާތަކުން ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދާ ކަމަށާއި، ބާކީ ތިބި ހަނގުރާމަވެރިންނާ މެދު ފަހުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ބުންޏެވެ.

އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދު ފުޅާކުރަމުންދާ މި ދިއުމަކީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލާއި ހަމާސްއިން އެއްބަސްވި، ޑޮނަލްޑް ޓްރަމްޕް އިސްވެ ހުރެ އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފު ކަމެކެވެ.

ނަތަންޔާހޫ މިހެން ބުނެފައި މިވަނީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއު ކުރިއަށްގެންދިއުމަށް އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ ނުސީދާ މަޝްވަރާތަކުގައި އިޒްރޭލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް ނާދެވި މަރުތަޅު އެޅިފައިވާ ދަނޑިވަޅެއްގައެވެ.

އޮކްޓޯބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 738 މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސްއިން ހިންގާ ސިއްހީ ވުޒާރާއިން ބުނެއެވެ. އދ. އިން ގަބޫލުކުރާ ގޮތުގައި މި ހިސާބުތަކަކީ އިތުބާރު ހުރި ހިސާބުތަކެކެވެ.

އިޒްރޭލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރް އާއި ފިނޭންސް މިނިސްޓަރު ބެޒަލްއެލް ސްމޮޓްރިޗް ވަނީ ފަލަސްތީނު މީހުން ޣައްޒާއިން ”އަމިއްލައަށް ހިޖުރަކުރުމަށް“ މީގެ ކުރިން ބާރުއަޅާފައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށެއް ކަމަށް ބެލެވޭ، މަޖުބޫރުން މީހުން ބޭރުކުރުމުގެ އަމަލަކަށް ވެދާނެ ކަމުގެ ބިރު އޮތް އިރު، އެ ދެ ފަރާތުން ބޭނުންވަނީ އެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވާށެވެ.

މި ހަފުތާގައި ވެސް ޣައްޒާއަށް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ބުދަ ދުވަހުގެ ރޭ ޣައްޒާ ސިޓީގެ އިމާރާތަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި، ފަސް ކުޑަކުދިން ހިމެނޭހެން މަދުވެގެން 10 މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބުނެއެވެ.

ހަމާސްއިން ހިންގާ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 މޭ 12 އާ ހަމައަށް ޣައްޒާގައި 72,742 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އަދި 172,565 މީހުން ވަނީ ޒަޚަމްވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި މަދުވެގެން 21,283 ކުޑަކުދިން ހިމެނޭއިރު، އދ. އިން މި ހިސާބުތަކަކީ ސައްހަ ހިސާބުތަކެއް ކަމަށް ބަލައެވެ.

ގުޅުންހުރި ލިޔުންތައް