އިދިކޮޅު އެމްޑީޕީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ވަނީ އައްޑުއަށް އިހުމާލުވެފައި ކަމަށާއި އޭނާއަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޓިކެޓްގައި ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ސައީދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ، މޭޔަރެއްގެ ހައިސިއްޔަތުން ޚިދުމަތް ކުރުމަށް ރައްޔިތުން ސޯބެއަށް ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ރައްޔިތުން ދިންކަމަށާއި އެކަމަކު ވީކަމެއް ނެތް ކަމަށެވެ.
”އެކަމަކު ރައްޔިތުން ބުންޏޭ ހޯހޯ، ފުދޭޔޭ، އަބްދުﷲ ސޯދިގު ފުދޭޔޭ. އެމްޑީޕީ މީހަކަށް ވިޔަސް ދެން އެހެން މީހަކަށް ވާން ޖެހޭނެއޭ،“ އޭނާ ވިދާޅުވިއެވެ.
2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީން ވެސް ސޯބެ ބަލިވި ކަމަށާއި އެހެންކަމުން އެމްޑީޕީގެ އާންމު މެންބަރުން ވެސް އޭނާއަށް ނޫނެކޭ ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ގިނަ އަހަރުތަކެއް ވަންދެން ސޯބެ ވަނީ އައްޑުއަށް އިހުމާލުވެފައި ކަމަށާއި އެހެންކަމުން ރައްޔިތުން މިފަހަރު އޭނާއަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހްމަދު ސައީދު އިންތިޚާބުވެއްޖެނަމަ އައްޑޫގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި ދާއިރާގެ ޙާލަތަށް ބަލައިލައްވާ. އުމްރާނީ ތަރައްޤީގެ ޙާލަތު، އިޖްތިމާޢީ ތަރައްޤީގެ ޙާލަތު، އިޤްތިޞާދީ ތަރައްޤީގެ ޙާލަތު. މި ސިޓީ ވަރަށް ބޮޑަށް އިހުމާލުކޮށްފައި އޮތީ، އަދި އެ އިހުމާލުގެ ޒިންމާ ނަގަން ޖެހޭނީ އަބްދުﷲ ސޯދިގު،“ އޭނާ ވިދާޅުވިއެވެ.



