- Advertisement -spot_img

ސިޔާސީގޮތުން ބަދަލު ހިފުމާއި ވާދަވެރީން ޖަލަށްލައި އަނިޔާވެރިވުމުގެ ސަޤާފަތް ނިމުމަކަށް ގެނެސްފިން: ރައީސް

ސިޔާސީގޮތުން އޮތީ ބަދަލު ހިފުމާއި ވާދަވެރީން ޖަލަށްލައި އަނިޔާވެރިވުމުގެ ސަޤާފަތް ނިމުމަކަށް ގެންނަވާފައިވާ ކަމަށާ އެއީ ހޯއްދެވުނު ކާމިޔާބީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

“ނޭޝަން ޗެޓް” ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށާ އެކަން ހާސިލުކުރެއްވިއްޖެ ކަމަށެވެ. މިއަދު ސިޔާސީ މީހަކަށް ވެގެން އެއްވެސް ބިރެއް އޮންނާނެ ކަމަށާ މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.

އަދި ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް ސިޔާސީ ވެރިއަކަށް ބަދަލު ހިފުމުގެ ގޮތުން އަނިޔާވެރިވެފައިނުވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗާޓުން ބޭރުން ވެރިކަން ބަދަލުކުރަން އުޅުމާއި ޤައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރުމުގެ މާނައެއް އެބައޮތްތޯ މިއަދު ހުރިހާ ރައްޔިތުން ވެސް ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރާއި ދެކޮޅުވެރިކަން ދެއްކުމަށް ޑިމޮކްރެޓިކް ނިޒާމު ފުނޑާލުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމަށާ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ރާއްޖޭގައި ކަންކަން ހިނގާނެކަން ކަށަވަރު ކުރައްވާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. ނަމަވެސް މިހުރިހާ މަަސައްކަތެއް ކާމިޔާބުވީއިރު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނުވަތަ ވެރީން ނެތުމަކީ ކަންބޮޑުވުމެއް ކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް