ސައުދީ އަރަބިއްޔާގެ ޝޫރާ މަޖިލީހުގެ ރައީސް، ޑރ. އަބްދުﷲ ބިން މުހައްމަދު ބިން އިބްރާހިމް އަލް ޝައިޚް، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ބަދަހި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށް އަލް ޝައިޚް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުފުޅުން ދެ ގައުމުގެ ލީޑަޝިޕްގެ މެދުގައި އޮތް ގުޅުމާއި، އިސްލާމީ އުހުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. މީގެ އިތުރުން، ގުޅުންހުރި ދާއިރާތަކުން މަޝްވަރާތައްކޮށް، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް މި ދަތުރުފުޅު މަގުފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝޫރާ މަޖިލީހުގެ ވަފުދުސައުދީ ޝޫރާ މަޖިލީހުގެ ރައީސްގެ އަރިހުގައި ފަސް މެންބަރުންގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވިއެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޑރ. މުހައްމަދު ބިން އަލީ މުބާރަކް، އިންޖިނިއަރު މަހްދީ ބިން ނާސިރު އަލް ދޯސަރީ، ޑރ. ލުލްވާ ބިންތު އަބްދުލްޣައްފާރު ފާދާ އަދި ޑރ. ދަލާލް ބިންތު މުހިއްމުއްދީން މަނަފާނީއެވެ.
އަލް ޝައިޚް ފާހަގަކުރެއްވި ގޮތުގައި، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ޕާލަމެންޓްރީ ޑިޕްލޮމަސީއަކީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހާއެކު އޮތް ގުޅުން ހަރުދަނާކޮށް، ގުޅިގެން މަސައްކަތްކުރެވޭނެ އާ ދާއިރާތައް ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އިސް އޮފިޝަލުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ރާވާފައެވެ.



