- Advertisement -spot_img

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެދެފި

ރާއްޖޭގެ މޫސުން ގޯސްވާނެކަމަށާއި މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިކަމަށް އިލްތިމާސް ކޮށްފައިވަނީ މިއަދު އެ އިދާރާއިގެ ވައިބަރ ގުރޫޕަށް ހިއްސާކުރި ޕޯސްޓެއްގައެވެ.

މެޓުން ބުނެފައިވަނީ މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަަރު ފޯރާނެކަމަށްވެސް މެޓުން ބުންޏެވެ.

އަދި ހުޅަނގުދެކުނާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

މެދުރާއްޖެތެރެއާއި އުތުރަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުއެވެ. ދެކުނަށް ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުއެވެ.

ގުޅުންހުރި ލިޔުންތައް