- Advertisement -spot_img

އަލަށް އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުން ކޮމިޓީތަކުގެ މެންބަރުން ހުވާކުރައްވައިފި

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި އައު ކައުންސިލަރުން މަގާމުގެ ހުވާކުރައްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އައު މެންބަރުން މިއަދު އިގުރާރުގައި ސޮއިކުރައްވައިފިއެވެ.

މިއަދު މި ރަސްމިއްޔާތުތައް މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވާފައިވަނީ ކުރިން ތިއްބެވި ކައުންސިލަރުންގެ 5 އަހަރުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް ރާއްޖޭގެ ބޮޑު ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީއަށް އިންތިހާބުވެވަޑައިގަތް ކައުންސިލަރުން ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހުވާކުރައްވާފައެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި ހުވާކުރުމުގެ ރަސްމިއްޔާތުތައް އަދިވެސް ކުރިއަށްދާއިރު، މިއަދުގެ އިތުރު ވަގުތުތަކުގައި ބާކީ ހުރި ރަށްތަކުގެ ކައުންސިލަރުންވެސް ހުވާކުރައްވާނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ރަސްމިއްޔާތު މިއަދު ހެނދުނު ކުރިއަށްދިޔައީ ސޯޝަލް ސެންޓަރުގެ ހޯލްގައެވެ. މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމްގެ އިތުރުން ސިޓީ ކައުންސިލަށް އަލަށް ހޮވުނު 17 ކައުންސިލަރުންނަށް މަގާމުގެ ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަނީޒް އަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައި ކުރީގެ ކައުންސިލަރުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާއިތުވި އޭޕްރީލް މަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 677 ކައުންސިލަރުން އިންތިހާބުވެފައިވާއިރު، އޭގެ ތެރެއިން 676 ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރައްވާނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 673 މެންބަރުން އިންތިހާބުވެފައިވާއިރު، މިއަދު ރަސްމީކޮށް އިގުރާރުގައި ސޮއިކުރައްވާނީ 662 މެންބަރުންނެވެ.

މި ފަހަރުގެ އިންތިހާބުގައި ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު، އިދިކޮޅު އެމްޑީޕީން ވެސް ވަނީ ވަރުގަދަ ވާދަވެރިކަމެއް ދައްކާފައެވެ. މީގެ އިތުރުން މިފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި (މިނިވަން) ކެންޑިޑޭޓުން ވަނީ ގިނަ އަދަދެއްގެ ގޮނޑި ކާމިޔާބުކޮށްފައެވެ.

ޕާޓީތަކުން ގޮނޑި ކާމިޔާބުކުރި ގޮތަށް ބަލާއިރު ޕީއެންސީ (PNC): 584 ގޮނޑި، އެމްޑީޕީ (MDP): 563 ގޮނޑި، އެމްޑީއޭ (MDA): 23 ގޮނޑި، އަދާލަތު ޕާޓީ (AP): 6 ގޮނޑި، ޖުމްހޫރީ ޕާޓީ (JP): 4 ގޮނޑި، ދަ ޑިމޮކްރެޓްސް: 2 ގޮނޑި، މިނިވަން ކެންޑިޑޭޓުން: 168 ގޮނޑި ހިމެނެއެވެ.

މިއަދު ހުވާކުރެއްވި އައު ކައުންސިލަރުންނާއެކު، ލާމަރުކަޒީ ނިޒާމުގެ އައު ދައުރެއްގެ މަސައްކަތްތައް ރަސްމީކޮށް މިހާރު ވަނީ ފެށިފައެވެ.

ގުޅުންހުރި ލިޔުންތައް