ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުގެ އިތުރު ބުރެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އީސީ އިން ބުނީ ދ. މީދޫ ގައި ބެހެއްޓުނު ދ. މީދޫ-2 (M1.2 | 208) ނަންބަރު ވޯޓު ފޮށީގެ ދ. މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާ ގުޅިގެން، 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާ ކަމަށެވެ.
މި އިންތިޚާބުގެ އިތުރު ބުރު ޖޫން 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އީސީން ބުނެއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓް، ސުހާ އިބްރާހީމް، ދ. މީދޫ / ދިލްޝާދުގެ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްގެ ކެންޑިޑޭޓް، މުޙައްމަދު ޝާހިދު، ދ. މީދޫ / މުޝްތަރީވިލާ އެވެ.
ވޯޓުލުމުގެ ކަންކަން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.



