ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ މައްޗަށް 5-2 އިން ކުރިހޯދައި، ބިސް ބުރު ސްޕޯޓްސް ކްލަބުން މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުންގެ ޖާގައެއް ހޯދައިފިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލާފައިވާ ގޮތުން ވަނީ ހަތަރު ރީޖަން އަކަށް ބެހިފައެވެ. އެ ގޮތުން، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފައިވާއިރު، މާލެ ރީޖަނަކީ ކުރީގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ޗެމްޕިއަންގެ ގޮތުގައި ބިސް ބުރުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނެއެވެ.
ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ބިސް ބުރުގެ އިތުރުން، ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަން، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަން އަދި، ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެއެވެ.
މާލެ ރީޖަންގެ ޗެމްޕިއަންކަން ބިސް ބުރުން ހޯދީ، ދެ ވަނަ ބުރުގައި ކުޅުނު ހަތަރު ޓީމުގެ މެޗުތައް ނިމުނުއިރު، ތާވަލުގެ ދެ ވަނައިގައި އޮތް ކްލަބް ޕީކޭގެ މައްޗަށް ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. މެޗު ހަމަވިއިރު، ތާވަލުގެ އެއް ވަނަ ހޯދައި ޗެމްޕިއަންކަން ހާސިލްކުރި ބިސް ބުރަށް ވަނީ ކްލަބް ޕީކޭއާ އެއްވަރަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެކަމަކު، ލަނޑުގެ ތަފާތުން ބިސް ބުރުން ކުރިހޯދީ ފައިދާ ތިން ގޯލާ އެކުއެވެ. ޕީކޭގެ އޮތީ ފައިދާ އެންމެ ގޯލެކެވެ.



