ދައުލަތަށް ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ އަވަސް މަގެއް ހޯދައިދިނުމުގެ ގޮތުން ރިސޯޓުތައް ކުއްޔައް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ނަގާ ފީ ކުޑަ ކުރުމަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން އަނެއްކާވެސް އިސްލާހެއް ހުށަހަޅައިފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން އިއްޔެ ހުށަހަޅައިދެއްވީ ތިމަރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒެވެ. އަދި އިއްޔެގެ ޖަލްސާގައި ބިލުގެ ބަހުސް ވެސް ވަނީ ފަށާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ބިލަށް ބަހުސްކޮށް ނިންމާލައި، ވޯޓަށް އެހުމަށްވަނީ ތާވަލުކޮށްފައެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައި މައިގަނޑު އިސްލާހަކަށް އޮތީ ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމުގެ ފީއަށް ލުއިތަކެއް ދިނުމެވެ. މިދިޔަ އޮގަސްޓު މަހު ވެސް ސަރުކާރުގެ ފަރާތުން މިގޮތަށް މި ފީއަށްވަނީ ލުއި ދީފައެވެ. އެ ލުއި ތަންފީޒުކުރަން ދިން ހަ މަހުގެ މުއްދަތު ހަމަވީ މިދިޔަ މަހުގެ 28 ވަނަ ދުވަހަށެވެ.
އިއްޔެ ހުށަހެޅި ބިލުގައި ވެސް ފީ ކުޑަ ކުރުމަށް ހިމަނާފައި ވަނީ ބިލު ފާސް ކުރާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަކަށެވެ. އަދި މި ހަ މަސް ތެރޭ މިގޮތަށް މުއްދަތު އިތުރު ކުރަން ބޭނުންވާ ރިސޯޓުވެރިންނަށް، އެ އިސްލާހު ތަސްދީގު ކުރުމާއެކު ގާތްގަނޑަކަށް 50% ގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މިހާރު ޤާނޫނު އޮތް ގޮތުންނަމަ ކުއްޔަށް ނަގާފައިވާ މުއްދަތު 49 އަހަރަށް އިތުރު ކުރާ ނަމަ ދައްކަން ޖެހެނީ 10 މިލިއަން ޑޮލަރެވެ. އެއަށްވުރެ ކުޑަ މުއްދަތަކަށްނަމަ އަހަރަކަށް 200،000 ޑޮލަރެވެ.
މިހާރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ 49 އަހަރަށް އިތުރު ކުރާ ނަމަ 5 މިލިއަން ޑޮލަރު ދެއްކުމަށެވެ. އަދި 20 އަހަރަށް ނަމަ 2.5 މިލިއަން ޑޮލަރަށް، 25 އަހަރަށް ނަމަ 3 މިލިއަން ޑޮލަރަށް އެ ފީ ބަދަލުކުރުމަށް އިސްލާހު ހުށަހަޅާފައިވެއެވެ.