- Advertisement -spot_img

ޕީއެންސީގެ ތެރޭގައި އޮތީ އެއް ވިސްނުމެއް، އެއީ ގައުމީ ފިކުރުގެ ވިސްނުން: ރައީސް

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ތެރޭގައި އޮތީ އެއް ވިސްނުމެއް ކަމަށާއި، އެއީ ގައުމީ ފިކުރުގެ ވިސްނުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޕީއެންސީގެ މެމްބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ބަނދެވިގެން ކަމަށާއި، އެ ޕާޓީ އަކީ ވަރުގަދަ ޕާޓީއެއް ކަމަށެވެ.

”އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުމެއް ނެތް، މި ޕާޓީ ބައިބައި ކުރަން އުޅުއްވާކަށް އެއްވެސް ބޭފުޅަކު ވިސްނަވާނެ ކަމެއް ނެތް.“ ރައީސް ވިދާޅުވިއެވެ.

ޕީއެންސީ އަކީ ދީނާއި ގައުމު އިސްކޮށްގެން، އެކުވެރިކަމާއެކުގައި ކުރިއަށްދާ ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނާން އޮތް ޖީލުތަކަށްޓަކައި ހަގީގީ ދިވެހީންގެ ރާއްޖެއެއް ބައްޓަން ކޮށްދީ ފޯރުކޮށްދެއްވާނެ ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ކުރީ ސަރުކާރުތައް ފެއިލްވެފައިވާކަން ފާހަގަކުރައްވައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލަ ނިމިގެން ދިޔަ ސަރުކާރަށް ނުބެލުނުކަމަށް ވިދާޅުވިއެވެ. އެ މައްސަލައިގައި ހިމެނުނު ބޮޑުން ކުރީ ސަރުކާރުން ދޫކޮށްލާފައިވާ ކަމަށާއި، އޭގެ ފަހުން ވެސް ތިމަންމެންނަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލާ ބައެއް ކަމުގައި ބުނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަނީ ހަގީގީ މާނައިގައި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކަމަށާއި، ބައެއް ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަނީ އެ ކަމާ ގުޅިގެން ކަމަށް ވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެއްގޮތަކަށް ވެސް، ފަހަތަށް ޖެއްސޭނެ ކަމަށް ހީފުޅުކުރައްވާނެ ކަމެއް ނެތް. އަޅުގަނޑުމެން ދާނީ ކުރިއަށް، ކުރިއަށް ގޮސް މި ގައުމުން ހަގީގީ މާނައިގައި ކޮރަޕްޝަން ނައްތާލާނަން.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ، މިހާރު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަން ފާހަގަކުރައްވައި، އިދިކޮޅު ޕާޓީތަކުން ވެރިކަން ކުރިއިރު އަމަލު ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް