ނެޝަނަލް ޕޭކޮމިޝަނުން، ޕޭ ހަރމަނައިޒް ކުރިއިރު އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޭހަރމަނައިޒް ކުރެވުނުއިރު، ހިއުމަން ރިސޯސަސް ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންނާއި ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގެ މުވައްޒަފުންނަށް މުސާރަ ބޮޑުވުމުގެ ބަދަލުގައި، އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމާއި ބައެއް ފަރާތްތަކުގެ މުސާރައަށް ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަން މި މޭ މަހުންފެށިގެން ހައްލުވެ، ލިބޭ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން ޕޭ ކޮމިޝަނުން ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ފަހުންވެސް ޕޭ ހަރމަނައިޒްކުރުމުގެ ތެރެއިން އެއްވެސް މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލެއް ނާންނަ ނަމަ ވަކިވަކިން ނަމަވެސް ކޮމިޝަނުން އެކަން ބައްލަވާ އެކަމަށް ހައްލުހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ”އޮޕަރޭޝަން ކުރަނގި“ އާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތަކީ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ނޫން ކަމަށާއި އެއީ، އެމީހުންނަކީ ކޮންބައެއް ކަމާއި އުޅޭތަންތަނުގެ މައުލޫމާތު ސާފުކޮށް އެމީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ބިދޭސީންގެ ކަންކަން ކޮށްފައި އޮތީ ޒިންމާދާރުކަން ކުޑަކޮށް، ބިދޭސީންގެ އިންސާނީ ކަރާމާތް ގެއްލޭގޮތަށް ކަމަށެވެ. މިސަރާރުން މިހާރު ރާއްޖޭގައި ދިރިއުޅޭ 98 އިންސައްތަ ބީދޭސީންނަކީ ކޮންބައެއްކަން އެނގި، ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނަގައި ނިންމާ އެމީހުން ރެގިއުލަރައިޒްކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް މައްސަލަކަމަށްވާ، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ސަރުކާރުން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ، ވަށައިޖެހޭގޮތެއްގެ މަތިންކަމަށާއި އެމަސައްކަތް ކާމިޔާބުކަމާއި އެކު ހާސިލްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



