- Advertisement -spot_img

ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ އިންޓަނެޓް ކޭބަލްތަކުގެ ކޮންޓްރޯލް ނަގަން އީރާނުން ނިންމައިފި

ހޯރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަތަހައިގެ ކޮންޓްރޯލް ހޯދުމުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ބައިނަލްއަގުވާމީ ”ޑިޖިޓަލް އިންފްރާސްޓްރަކްޗާ“ ނުވަތަ އިންޓަނެޓް ކޭބަލްތަކުގެ ފުރިހަމަ ބާރުވެރިކަން ހޯދުމަށް އީރާނުން އާ އިސްތިރާތީޖީއެއް އެކުލަވާލައިފިއެވެ.

2026 ވަނ އަހަރުގެ މޭ މަހުގެ ތެރޭގައި އީރާނުގެ ފާސް ނިއުސް އާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުން ފަށާފައިވާ ”ސްޓްރެއިޓް އޮތޯރިޓީ“ އިސްނެގުމުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

އީރާނުން ރާވާފައިވަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ އަޑީގައިވާ ކޭބަލްތަކުން ޑޭޓާ ދައުރުވާ މިންވަރަށް ބަލައި ”ކޭބަލް ޓޯލް“ ނުވަތަ ފީއެއް ނެގުމަށެވެ. މިއީ މިއަހަރުގެ ކުރީކޮޅު އެ ސަރަހައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ނަގަން ފެށި 2 މިލިއަން ޑޮލަރުގެ ފީއަށްފަހު، އީރާނުން އާމްދަނީ ހޯދުމަށް އެޅި އާ ފިޔަވަޅެކެވެ.

މީގެ އިތުރުން، މި ކޭބަލްތައް މަރާމާތުކުރުމުގެ ހުރިހާ މަސައްކަތެއް ކުރަންވާނީ އީރާނުގެ ކުންފުނިތަކުން (މިލިޓަރީގެ އައި.އާރު.ޖީ.ސީ އާ ގުޅުންހުރި ކުންފުނިތަކުން) ކަމަށް ވަނީ ކަނޑައަޅާފައެވެ.

އީރާނުން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމީ އެމެރިކާގެ ކަނޑުގެ ސިފައިން އެ ގައުމު ބަންދުކޮށް (ނޭވަލް ބްލޮކޭޑް)، ތެލުގެ އެކްސްޕޯޓަށް ހުރަސް އަޅަމުންދާތީއެވެ. އީރާނުގެ އައި.އާރު.ޖީ.ސީ އިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުގެ އަޑީގެ ކޭބަލްތަކަށް ބުރޫއަރައިފިނަމަ އީރާނަށްވުރެ ބޮޑަށް ގެއްލުންވާނީ އެ ގައުމާ އިދިކޮޅު ސަރަހައްދީ ގައުމުތަކަށެވެ. މިއީ އީރާނުން ބައިނަލްއަގުވާމީ މުޖުތަމައަށް ދޭ ”ޑިޖިޓަލް އިންޒާރެއް“ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އިންޓަނެޓް ޓްރެފިކްގެ ގާތްގަނޑަކަށް 97 އިންސައްތައަކީ ކަނޑުގެ އަޑީގައިވާ ކޭބަލްތަކުން ދަތުރުކުރާ މައުލޫމާތެވެ. ހޯރްމުޒް ކަނޑުއޮޅިއަކީ ޔޫރަޕާއި އޭޝިއާ، އަދި މެދުއިރުމައްޗާއި އެފްރިކާ ގުޅުވައިދޭ އެންމެ މުހިންމު ޑިޖިޓަލް މަގެވެ. މާލީ މާހިރުން ބުނާ ގޮތުގައި މި ކޭބަލްތަކަށް ބުރޫއަރައިފިނަމަ، ދުވާލަކު 10 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ މުއާމަލާތްކުރާ ބައިނަލްއަގުވާމީ މާލީ ނިޒާމު ހުއްޓުމަކަށް އަތުވެދާނެއެވެ.

އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ވަނީ އީރާނުގެ މި ދައުވާތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އެ ގައުމުތަކުން ބުނާ ގޮތުގައި ހޯރްމުޒް ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެންމެނަށް ހުޅުވާލެވިފައިވާ މަގެކެވެ. ނަމަވެސް އީރާނުން ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ މުއާހަދާ (ޔޫއެންސީއެލްއޯއެސް) ތަސްދީގުކޮށްފައި ނުވާތީ، އެ ގައުމުން ދަނީ އެ ސަރަހައްދުގެ ފުރިހަމަ ސިޔާދަތީ ބާރު އޮތް ކަމަށް ވަކާލާތު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް