- Advertisement -spot_img

ކަނޑުގެ ސަލާމަތާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އޮސްޓްރޭލިއާއެކު އެއްބަސްވުމެއް

މަދަނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސް އާއި އޮސްޓްރޭލިއަން ބޯޑަރު ފޯސް ކޮމާންޑާ ދެމެދު މިއަދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގުޅިގެން ތަމްރީނުތައް ހިންގުމާއި، ވިލަރެސްކުރެވިގެން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މައުލޫމާތާއި ފަންނީ ތަޖުރިބާ ބަދަލުކުރުމަށްޓަކައި އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް މި ފަހުމުނާމާގެ ދަށުން ގާއިމުކުރެވޭނެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ، އޮޕަރޭޝަންތައް ހިންގުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ. އަދި ސަރަހައްދީ ކަނޑުގެ ސަލާމަތަށް ކުރިމަތިވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމުގައި، މިހާރަށްވުރެ އަވަސް އަދި ފައިދާހުރި ގޮތެއްގައި އިޖާބަދިނުމަށް މަގުފަހިކުރުމަކީ ވެސް މި ފަހުމުނާމާގެ މުހިންމު ބޭނުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއްދޭ ކަމަށާއި މި ފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް