ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްޕުޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދޭތެރޭގައި ހިތްބުރަ ކަމެއް ނެތް ކަމަށާއި މިއީ އެއް ޓީމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބްރިޖު އެޅުމާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހިޔާ ފްލެޓު ފަދަ ބޮޑެތި މަޝްރޫއުތައް ކުރީ ސަރުކާރުން ކުރިއިރު ކެބިނެޓުގައި ތިއްބެވީ މިހާރު ވެސް ތިއްބެވި ފަރާތްތައް ކަމަށެވެ.
އޭރު ވެރިކަމުގައި ތިއްބެވީ އެއް ޕާޓީއެއް ކަމަށާއި މިއަދު ވެސް އޮތީ ހަމަ އެ ޓީމު ކަމަށް ސައީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ތެރެއިން މަދުވެގެން މިއުޅެނީ އެންމެ މީހެއް، ދެ މީހެއް ނޫންތޯ؟ ހަމަ އެއް ޓީމެއް ނޫންތޯ މިއޮތީ؟ ހަމަ އެއް ޕާޓީއެއް ނޫންތޯ މިއޮތީ؟ އަޅުގަނޑުމެންނަކީ ބްރިޖު އެޅި މީހުން. އެއާޕޯޓުތައް އެޅި މީހުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މުޅިން އާ ޒަމާނަކަށް ގެނައި މީހުން.“ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ކަންކަމަށް ޔާމީނަށް ފުރިހަމަ އަށް ކްރެޑިޓް ހައްގުވާ ކަމަށާއި އެމަނިކުފާނަކީ ވަރަށް ވިޝަނަރީ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުއިއްޒު ހިތްޕުޅުގައި ޔާމީނާ ދޭތެރޭ އޮތް ލޯތްބާއި އިހްތިރާމް އަބަދުވެސް އޮންނާނެ ކަމަށާއި އަދި ޔާމީންގެ އަރިހުގައި ވެސް ހުންނަން ބޭނުންވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
”ރައީސް މުއިއްޒަކީ ޔާމީނަށް އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ އެންމެ ރައީސް ޔާމީން އަރިހުގައި ހުންނަން ބޭނުންވާނެ އެއް ބޭފުޅަކީ. ރައީސް މުއިއްޒުގެ ހިތްޕުޅުގައި ޔާމީން އާ ދޭތެރޭގައި އެއްވެސް ކަހަލަ ހިތްބުރަ ކަމެއް އޮންނަ ކަމަކަށް ގަބޫލެއް ނުކުރަން އެއީ އަޅުގަނޑުމެން އެންމެނަކީ ވެސް އެއް ޓީމެއް.“ ސައީދު ވިދާޅުވިއެވެ.



