- Advertisement -spot_img

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ: ސައުދީ އަރަބިއާ

ދިވެހި ހައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެކަމަށް ދިވެހި ޙައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ސައުދީގެ މުޠައްވިފް، ރަވާފް މިނާއިން ބުނެފިއެވެ.

ހައްޖުގެ ކަންކަމުގައި ސައުދީގެ ރާއްޖޭގެ އެޖެންޓް ނުވަތަ މުތައްވިފް، ރަވާފް މިނާއާއި ހައްޖު މިޝަނުން ވަނީ ބައްދަލުކޮށްފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ބައްދަލުވުމުގައި ރަވާފް މިނާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސީއީއޯ ޒުހައިރް އަބްދުލް ހާމިދް ސަދަޔޯ ކަމަށެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންވެވީ ރާއްޖެއިން މައްކާގައި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް ގާއިމުކުރާ އޮފީހުގެ ވެރިޔާ އިމްތިތާއު އައްބާސްއެވެ. އަދި މިޝަންގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ދާ ކޮންމެ ހާޖީއެއްގެ ދަތުރު ފަސޭހަކޮށްދީ، މަގު ދައްކައިދޭ ހާއްސަ އެހީތެރިންނަކީ މުތައްވިފުންނެވެ. ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ ވުޒާރާއިން ރާއްޖެއަށް ކަނޑައަޅާފައިވާ މުތައްވިފަކީ ރަވާފް މިނާއެވެ.

މުތައްވިފާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ދިވެހި ހައްޖާޖީންނަށް ހާދުމަތްތައް ދިނުމަށް މިހާތަނަށް ކުރިއަށްގެންދެވުނު މަސައްކަތްތަކާއި ހާޖީން މައްކާއަށް އަންނަ ދުވަސްތަކަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެންމެހާ މަޝާއިރުތަކުގެ އިންތިޒާމްތަކާގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް