- Advertisement -spot_img

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި 2 ފޮށި، އައްޑޫގައި 5 ފޮށި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ބުނީ ބައި އިލެކްޝަންގައި  އައްޑޫ ސިޓީގައި 5 ވޯޓުފޮށި ބަހައްޓާނެކަމަށާއި، މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ދެ ވޯޓުފޮށި ބަހައްޓާނެކަމަށެވެ. އެގޮތުން މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ކަމަށާއި، އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގައިކަމަށްވެސް އީސީން ބުންޏެވެ.

ފޮށިތަކަށް ވޯޓުލެވޭނެ ރައްޔިތުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ގޮނޑިއަށް ވާދަކުރުމުގެ ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދާއި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.

އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް