- Advertisement -spot_img

ޔޫއެފާ ޗެމްޕިއަންސް ލީގު: ބަޔާން ކަޓުވާލައި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ޕީއެސްޖީ ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ބަޔާން މިއުނިކް ކަޓުވާލައި، އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން އަނެއްކާވެސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕީއެސްޖީން ފައިނަލަށް ދަތުރުކުރީ ރޭ ބަޔާން ދަނޑުގައި ކުޅުނު ދެވަނަ ލެގު 1-1 އިން އެއްވަރުކޮށް، އެގްރިގޭޓް 6-5 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ޖޯޖިއާގެ ހުނަރުވެރި ކުޅުންތެރިޔާ ކްވިޗާ ކްރަވަޝްކޭލިއް އަރިމަތިން ނަގައިދިން ބޯޅައަކުން ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި ރެފްރީގެ ނިންމުންތަކާއި މެދު ބަޔާންގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެގޮތުން ޕީއެސްޖީގެ އޭރިއާ ތެރެއިން އެޓީމުގެ ޖުއާއޯ ނެވޭސް އަތުގައި ބޯޅައިން ޖެހުމުން ޕެނަލްޓީއެއް ނުދިނުމާއި ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭސް އަށް ދެ ވަނަ ރީނދޫ ކާޑެއް ނުދެއްކި ނިންމުން ހިމެނެއެވެ.

ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ކުޅުނު ނަމަވެސް ޕީއެސްޖީގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވިފައެއް ނުވެއެވެ. މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭ ހެރީ ކޭން ބަޔާންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީ ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އެގްރިގޭޓުން ކުރި ނުލިބުމުން ބަޔާން ވަނީ ކަޓައިފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި ތަށި ދިފާއުކުރަން ފައިނަލުގައި ކުޅޭނީ މި މަހު 30 ވަނަ ދުވަހު އާސެނަލާ ދެކޮޅަށެވެ. މިފަހަރުގެ ފައިނަލް ކުޅޭނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައެވެ.

ގުޅުންހުރި ލިޔުންތައް