އަސާސީ ކާބޯތަކެތީގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު މިއަހަރުގެ ރަމަޟާންމަހު ބާޒާރުގެ އަގުތައް މަތި ނުވެ، އެއްހަމައެއްގައި ވަނީ ހިފެހެއްޓިފައެވެ.
އެގޮތުން ރަމަޟާން މަސް ފެށިގެން 10 ދުވަސް ފާއިތުވެގެން ދިޔައިރު، ބާޒާރުން ވަކި ބާވަތެއް ލިބުން ދަތިނޫންކަމަށާއި، ހުރިހާ ބަވާތެއްވެސް ފަސޭހަކަމާއެކު ލިބެމުންދާކަން ފާހަގަކުރެވެއެވެ. އަދި މަހުގެ ބާވަތްތައްވެސް ރަމަޟާން މަސް ފެށުނުފަހުން އަގު އުފުލިފައިވާ ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
ޚާއްސަކޮށް ރޯދަމަހު އާންމުކޮށް ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ އަގުތައް މޮނީޓާރކޮށް މި ތަކެތި ބާޒާރުގައި ލިބެންހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި އިޤްތިޞާދީ ވުޒާރާއިންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި މިނިސްޓްރީގެ އިންސްޕެކްޓަރުން ދަނީ އަގުތައް ބަލައި މޮނިޓަރ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
ރޯދަމަހު ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށް ސަރުކާރު ދުރާލާ ވަނީ ގިނަ ކަންތައްތަކެއް ކޮށްފައެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނައުމާއި ހުރިހާ ފަރަތްތަކަށްވެސް ތަކެތީގެ އަގުތައް ބަލާލެވޭނެ އަގުމަގު ޕޯޓަލް ފާހަގަ ކުރެވެއެވެ.