އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތާވަލު ބަދަލުކުރުމަށްޓަކައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ވާދަވެރި ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ކަމަށް ބުނެ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކަތައް ނަޝީދުގެ ކެޕޭން ތަރުޖަމާނު ދޮގުކުރައްވައިފިއެވެ.
އެމްޑީޕީގެ ހަރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ވޯޓުން އިންސާފުވެރިކަމާއެކު ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. ނަމަވެސް ޕާޓީގެ އެތެރޭގެ ކަންކަން ނިންމުމަށް ކޯޓުތަކަށް ދިއުމަކީ ޕާޓީގެ މަސްލަހަތު ނަގާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ނަޝީދުގެ ތަރުޖަމާނު، ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ނެރުއްވި ބަޔާނެއްގައި ވަނީ މީކާއިލް ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
ވަހީދު ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް ފެތުރުމަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭ ކަމެއް ކަމަށެވެ. އަދި އެތެރޭގެ މަޞްލަޙަތަށް ހިޔަނި އެޅޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މި ކެމްޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުޞަތު ޕާޓީގެ ޢާންމު މެންބަރުންނަށް ލިބުން. މި ކެމްޕޭނުގެ ފަރާތުން ހިންގާ ޙަރަކާތްތަކާއި، ނިންމާ ނިންމުންތައް އަދި އަޅާ ފިޔަވަޅުތައް ޤަވާއިދުން އަޅުގަނޑު ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،“ ވަހީދު ވިދާޅުވިއެވެ.



