ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި، ދެ ޤައުމުން ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބާއްވަވާފައިވަނީ، މިއަދު ކޮލަމްބޯގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއަޓްގައެވެ.
މިއަދުގެ މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ، އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރިފައިވަނީ ޖުލައި 2025ގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ތަރައްޤީގައި ކޮންމެ ޤައުމަކުންވެސް އަދާކުރަމުން އަންނަ ދައުރަށްވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، އިޤްތިޞާދީ، ޒުވާނުންގެ ތަރައްޤީ، ތަޢުލީމް، ތާރީޚާއި ޘަޤާފަތް، ޞިއްޙީ، ދިފާޢީ، މަސްވެރިކަމުގެ ދާއިރާތައް ހިމެނޭހެން ދެޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.
ރަސްމީ މަޝްވަރާގައި، ދެޤައުމުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.



