spot_img

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް: އިޙްސާން

މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް ވަކާލާތު ކުރެވިފައިވާ ކަންކަމަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ހޯދައިދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގައި މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިންކަމަށެވެ. މިގޮތުން ދިވެހި އަދި ބިދޭސީން މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަދުގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ޙައްގުގައި މިހާތަނަށް ވަކާލާތު ކުރެވިފައިވާ ކަންކަން ފާހަގަކޮށް އެކަމަށް އެންމެ ފުރިހަމަ ހައްލު ގެނައުންކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ނުވަތަ އެމީހުންގެ ނާޖައިޒް ފައިދާ ނެގުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިންނަށް މަސައްކަތްތެރި މާޙައުލެއް ރާއްޖޭގައި ކަށަވަރުކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ވިދާޅުވިއެވެ.

”ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށް، ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނެސްދިނުން“ ވަޒީރު ވިދާޅުވިއެވެ.

ވީ މަސައްކަތްތެރިންގެ ދުވަހަކީ، ޤައުމު ބިނާކުރުމަށް މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ދުވަސްކަން ފާހަގަކުރައްވާ ވަޒީރު ވަނީ މަސައްކަތްތެރިން ކުރާ އަގުނުކުރެވޭ ބުރަ މަސައްކަތަށް ތަޢުރީފްކުރައްވާފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް