ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ނުލިބޭ ފަރާތްތަކަށް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެ: ގެދޮރުވެރިކަމާބެހޭ ވުޒާރާ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓަށް ކުރިމަތިލުމަށްފަހު ފްލެޓް ލިބުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް ވެސް މި ސަރުކާރުގެ ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، 4000 ފްލެޓް ނުލިބޭ ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަޤީންކަން އެ ވުޒާރާއިން ދޭކަމަށެވެ.

އެވުޒާރާއިން ނޫސްބަޔާނެއް ނެރެފައިމިވަނީ ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ހަޤީގަތާއި ހިލާފު ވާހަކަތަކެއް ދައްކައި ސިޔާސީ މަންފާތަކެއް ހޯދުމަށް ރައްޔިތުންނަށް އޮޅުވާލުމަށް ގޮދު ޙަބަރުތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

”ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މި ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެ،“ ވުޒާރާގެ ނޫސްބަޔާނުގައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލުމުން ގާތްގަނޑަކަށް 20،000 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓްގެ ލިސްޓު ނެރުނީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ. ޖުމްލަ 4،939 ފޯމު ޗެކްކުރުމަށްފަހު ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވަނީ 1،820 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 1،423 ފްލެޓާއި ދެ ކޮޓަރީގެ 397 ފްލެޓެވެ.

ވުޒާރާގެ އިތުރަށް ބުނީ، މި ފްލެޓްތައް ނުލިބޭ ފަރާތްތަކުން އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަޙައްމަލުކުރަން ނުޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މިދައުރު ނިމޭއިރު ބޯހިޔާވަހިކަމަށް ހުރި ގޮންޖެހުންތައް ނިމުމަކަށް ގެންނާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް