ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޫނުކޮށް ހުރި ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސަރުކާރުން ބޭރާއި އެތެރޭގެ ދަރަނިތައް ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން އަދާކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، މި މަހުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ދަރަންޏަކާއި 400 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެންބަރު 1 ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެކިއެކި ދިވެހި ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އެންމެ ގިނައީ އެކިއެކި ބޭސް ކުންފުނިތަކާއި ފާމަސީތައް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހަފުތާ ތެރޭގައި އިތުރު 260 މިލިއަން ރުފިޔާ ވެސް އަމިއްލަ ކުންފުނިތަކަށް ދޫކުރާނެ ކަމަށެވެ.
”އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް ބޮޑަކަށް ރައްޔިތުންނަށް ދަތިވާ ކަންތައްތައް، ރައްޔިތުންނަށް ދޭން ހުރި ފައިސާ ވެސް ދެމުން، ރައްޔިތުން ބޮލުގައި އަޅުވާފައި ކުރިން އޮތް ދަރަނިތައް ބޮލުން ނައްޓާލަން،.“ ރައީސް ވިދާޅުވިއެވެ.



