ސަރުކާރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ބ. އޭދަފުށީގައި ތައްޤީކުރާ އާ ބަނދަރާއި ގުޅިގެން އެރަށު ރަށްޔިތުންގެ ހިފެހެއްޓުމެއްނެތް ޝުކުރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށާއި އެކަމިކުފާނުގެ ސަރުކާރަށް އަދާކޮށްފިއެވެ.
މިބަނދަރުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި ބެހޭގޮތުން އެމްޓީސީސީން ވަނީ ރައްޔިތުންގެ ޝުއޫރުތަކުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.
އިތުރު ބަނދަރެއް ކޮންމެހެންވެސް ބޭނުންވެފައިވާ ބ. އޭދަފުށީގައި އެމްޓީސީސީން މިހާރު ކުރިއަށްގެންދާ އާ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެއީ އެރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކާއި، ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭދަފުށީގެ ރައްޔިތުން ބުނެއެވެ.
އޭދަފުށި ހުޅަނގު ފަރާތުގައި ތަރައްޤީކުރާ އާ ބަނދަރަކީ އެރަށުގެ އިރުމަތީ ފަރާތުގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވުމާއެކު ހަދަމުންދާ ބަނދަރެކެވެ. އެކި ސަރުކާރުތަކުގައި އެރަށު ރައްޔިތުން އެދެމުންދާތާ އަހަރުތަކެއް ވީނަމަވެސް މިކަމަށް ޙައްލެ ހޯދައިދެއްވީ އަދު ރައީސް މުޢިއްޒުއެވެ.
އޭދަފުށީގައި ތަރައްޤީކުރާ ބަނދަރުގައި 303 މީޓަރުގެ ވާޓަރު ބަނދަރާއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުމާއި، 63 މީޓަރުގެ ނެރުފައިކަށި ޖަހައި 5490 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކުން މަޝްރޫޢުގައި ހިމެނެއެވެ. ސަރުކާރުން މިހާރު އަންނަނީ މަޝްރޫޢުގައި ހިމަނާފައިވާ އަދަދަށްވުރެ 200 ފޫޓު އެ ބަނދަރަށް އިތުރު ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 64.67 މިލިއަން ޚަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
”އޭދަފުއްޓަށް ދެވަނަ ބަނދަރެއް ބޭނުންވެފަ އޮންނަތާ ވަރަށް ޒަމާންވެއްޖެ. އަޅުގަނޑުމެން ވަރަށް އުފާކުރަން މިއަދުގެ ސަރުކާރުން އޭދަފުއްޓަށް ދެވަނަ ބަނދަރެއް ގެނެސްދެއްވީތީ. އިރާދަކުރެއްވިއްޔާ މިސަރުކާރުން އޭދަފުއްޓަށް ވެފައިވާ ވައުދުތައް ފުއްދާދެއްވާނެ. އެކަމަށްޓަކައި މިއަދުގެ ސަރުކާރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުދަންނަވަން“ އޭދަފުށީގެ ރައްޔިތަކު އެމްޓީސީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

ރިސޯޓު ދާއިރާގައި މަސައްކަތްކުރާ އޭދަފުށީގެ ރައްޔިތަކު ބުނީ އޭދަފުއްޓަށް އަރައި ފޭބުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށާއި، އާ ބަނދަރާއެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން މަސްވެރިންނާއި ލޯންޗް ފަހަރު ދުއްވާ ފަރާތްތަކުންވެސް ވަނީ މި އާ ބަނދަރާއި ގުޅިގެން ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
މި އިންޓަވިއުގައި އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާޠިހު ވިދާޅުވީ، އޭދަފުށީގައި މިހާރު އޮތް ބަނދަރަކީ އެކަށީގެންވާ ވަރަށްވުރެ މާ ބާރުބޮޑު ބަނދަރެއް ކަމަށާއި، އަތޮޅުގެ 13 ރަށާއި 16 ރިސޯޓުން އަންނަ އުޅަނދުތައް މިހާރު އޮންނަ ބަނދަރަށް ކައިރިކުރާނެ ޖާގަ ނޯންނަ ކަމަށެވެ.
އާ ބަނދަރާއެކު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި، އެމްޓީސީސީން ކުރަމުންގެންދާ މަސައްކަތް އުފަލާއެކު ބަލައިގަންނަ ކަމަށް ފާޠިހު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ އެއްބާރުލުމާއެކު އޭދަފުއްޓަށް ތަރައްޤީ ގެނައުމުގައި ކުރައްވާ މަސަކަތްޕުޅުތަކަށް ކައުންސިލްގެ ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
އޭދަފުއްޓަކީ ރައީސް މުޢިއްޒުގެ ތަރައްޤީގެ ހަބެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެރަށުގައި 1000 ހައިސިންގ ޔުނިޓް އިމާރާތް ކުރުމަށް ޗައިނާގެ ކުންފުންޏަކާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މީގެ އިތުރުން އޭދަފުށީގެ ބިމަށް ދިމާވެފައިވާ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެރަށާއި ޖެހިގެން އޮންނަ މާއްޑޫ ރައީސް ވަނީ އޭދަފުށީގެ އިހުތިސޯސްގެ ތެރެއަށް ލާފައެވެ.