- Advertisement -spot_img

”ވިލުންވެރި ކަނބަލުން“ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ގޭތެރޭގައި ދިމާވާ ކަރަންޓުގެ ކުދިކުދި މައްސަލަތައް އަމިއްލައަށް ހައްލުކުރަން އަންހެނުންނަށް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ “ވިލުންވެރި ކަނބަލުން” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކަރަންޓުގެ މައްސަލައެއް ދިމާވާ ހާލަތްތަކުގައި ޕްރޮފެޝަނަލް އެހީތެރިކަން ލިބެންދެން ނުވަތަ އަމިއްލައަށް ކުރެވެން ހުންނަ ކަންކަމުގައި ފިޔަވަޅު އެޅުމުގެ ޤާބިލުކަމާއި އިތުބާރު ކަނބަލުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމް އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބޭއްވުނުއިރު، ޖުމްލަ 323 ކަނބަލުން ވަނީ މި ތަމްރީނު ފުރިހަމަކޮށްފައެވެ. އެފަހަރު ލިބުނު ބޮޑު ތަރުހީބަށް ބަލައި، މިއަހަރުގެ ތެރޭގައިވެސް މި ސިލްސިލާގެ އިތުރު ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

އަންނަ މެއި މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ކްލާސްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ވަގުތަކީ މެއި މަހުގެ 3 ވަނަ ދުވަހެވެ. މީގެ އިތުރުން، މި ކްލާސްތަކުގައި އެޗްޑީސީގެ ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށްވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް