އަށް ހަފުތާއަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހުކުރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ މި ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދެއް ލިބިގެންދިޔަ ކަމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެމެރިކާގެ ޝަރުތުތަކާ އެއްގޮތްވާ ފަދަ ހުށަހެޅުމެއް އީރާނުން ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ހުށަހެޅުންތަކެއްކަން އަދި ސާފުނުވާ ކަމަށް އޭނާ ބުންޏެވެ. އެމެރިކާއިން މަޝްވަރާ ކުރަނީ ކޮން ބަޔަކާތޯ ސުވާލު ދެންނެވުމުން، ޓްރަމްޕް ވިދާޅުވީ އެއީ ކޮން ބައެއްކަން ހާމަކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، ނަމަވެސް މަޝްވަރާ ކުރަނީ މިވަގުތު އީރާނުގެ ވެރިކަމުގައި ތިބި ފަރާތްތަކާ ކަމަށެވެ.
އެހެންނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ’އެކްސް‘ ގައި ވިދާޅުވީ އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް އާއި ޖެރެޑް ކުޝްނާ އިސްލާމްއާބާދަށް ވަޑައިގެންނެވި ނަމަވެސް، އީރާނުގެ އޮފިޝަލުން އެ ބޭފުޅުންނާ ބައްދަލުކުރުމަށް ރާވާފައި ނުވާ ކަމަށެވެ. އީރާނުގެ ކަންބޮޑުވުންތައް ހިއްސާކުރާނީ ޕާކިސްތާނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން އީރާނަށް ބޮން އެޅުމާއި، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. މީގެ ސަބަބުން އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓިފައިވާއިރު، އެމެރިކާގައި ތެލުގެ އަގު ވަނީ ފާއިތުވި ގިނަ އަހަރުތަކުގައި މަތިނުވާ މިންވަރަށް އުފުލިފައެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ބުނީ ވިޓްކޯފް އާއި ކުޝްނާ ހޮނިހިރު ދުވަހު ޕާކިސްތާނަށް ފުރާނެ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި އީރާނުގެ ފަރާތުން ކުރިއެރުންތަކެއް ފެނިފައިވާ ކަމަށާއި، މި ހަފުތާ ބަންދުގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ޕާކިސްތާނަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ލީވިޓް ވިދާޅުވިއެވެ.
ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ވަނީ އަރަގްޗީ އިސްލާމްއާބާދަށް ވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ. އަދި އޭނާ ވަނީ ޕާކިސްތާނުގެ ހާރިޖީ ވަޒީރު އިޝާގް ދާރްއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ ވަނީ ޕާކިސްތާނުން ކުރިއަށްގެންދާ މެދުވެރިއެއްގެ ދައުރަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނަށް އެމެރިކާއާއެކު ރަނގަޅު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަކީ އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ ބާޒާރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. ބްރެންޓް ކުރޫޑް ތެލުގެ ފީފާއެއްގެ އަގު 105.33 ޑޮލަރަށް އުފުލިފައިވާއިރު، މިއީ ތާރީހުގައި ތެލުގެ ބާޒާރަށް އައި އެންމެ ބޮޑު ލޮޅުމެވެ.



