- Advertisement -spot_img

ކަނޑުމަހުގެ ބާވަތްތައް ޗައިނާގެ ސީޝުއަން ޕްރޮވިންސްއަށް އެކްސްޕޯޓްކުރަން ފަށަނީ

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ސީޗުއަން ޕްރޮވިންސަށް އެކްސްޕޯޓުކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ ވަފުދާއެކު އިޤްތިޞާދީ ވުޒާރާއިން ބޭއްވި މަޝްވަރާތަކުގައެވެ.

އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އަދި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ސީޗުއަން ޕްރޮވިންސްގެ ވައިސް ގަވަރުނަރ ރެން ޖިންޑޮންގް އަދި އެ ޕްރޮވިންސްގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސީޗުއަ ޕްރޮވިންސްގެ ވަފުދާއެކު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ސަޢީދު ވަނީ، ޗައިނާގެ ވަފުދަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ،ވިދާޅުވީ، ޗައިނާއާއި ރާއްޖެއާއި ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެ ޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެކްސްޕޯޓް އިތުރު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް އިސްކަންދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށެވެ. މިކަން ފަހިވީ، 2024 ވަނަ އަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކަމަށާއި، އެދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން މިދާއިރާއިން އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. ވަޒީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ނަތީޖާ ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމާގުޅޭގޮތުން ޗައިނާ ސަފީރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި، ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ޗައިނާގެ ސީޗުއާން ޕްރޮވިންސަށް ބޭރު ކުރުމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރި ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރި ކަމާއި އަދި އެހެނިހެން ސިނާޢީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާ ކުރިކަން ފާހަގަކޮށް ސަފީރު ވިދާޅުވީ، ސިޗުއާންގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް