ރަމަޟާން މަހާއި ގުޅިގެން ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ދެމުންދާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި 48 ހާސް ގޭބިސީއަށް ފޯރުކޮށްދީފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ރޯދަ ހަދިޔާ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މަރުކަޒުތައް ގާއިމުކޮށް ޚާއްސަ ނިޒާމެއްގެ ދަށުން ރޯދަ ހަދިޔާ ދަނީ ދޫކުރަމުންކަމަށެވެ. އެގޮތުން 13 މަރުކަޒަކުން ރޯދަ ހަދިޔާ ދޫކުރަމުންދެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ މިރެއާ މާދަމާ ރޭ ވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.
އަދި ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، މާޗް 11 ވަނަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުންކަމާއި، މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި އެތަންތަނުން މަސްދަޅު ކޭސް ލިބޭނެކަމަށްވެސް އާދަމް ޝަރީފު އުމަރުގެ ޕޯސްޓްގައި ވެއެވެ.
ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ. އަދި ރޯދަ ހަދިޔާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މިމަސައްކަތް ކުރިޔަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.