ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ފެން ބިލް ދައްކައިގެން 3 ފަރާތަކަށް އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް އެމްޑަބްލިއުއެސްސީ ގެ ފަރާތުން ފަށައިފި

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އަށް 30 އަހަރު ފުރުމުގެ މުނާސަބަތާއި ބަރަކާތްތެރި ރަމަޟާން މަހާއި ގުޅުވައި، ކަސްޓަމަރުންގެ ތެރެއިން ބިލް ދައްކާ ތިން ފަރާތްތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނީގެ ފަރާތުން ފަށައިފިއެވެ.

”އެކުވެރި ރޯދަ 30“ ގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެމްޑަބްލިއުއެސްސީ ގެ އެޕް ބޭނުންކޮށްގެން ބިލަށް ފައިސާ ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަންގެ މަޤްސަދަކީ ރަމަޟާން މަހާއި ގުޅުވައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމާއިއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެޕްއަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު އިތުރުކުރުން ކަމަށް އެކުންފުނިން ނެރެފައިވާ ނޫސްބަޔާނުގައި ވެއެވެ.

އަދި މީގެ އިތުރުން ބިލް ދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމު ރައްޔިތުނަށް ބާރުއެޅުމާއި، ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރުމާއި، ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ހަލުވިކުރުންކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2025 މާރިޗް 1 އިން 31 އަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ތިރީގައިމިވާ .ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނަށެވެ

  1. އެމްޑަބްލިއުއެސްސީ ގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް
  2. ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް
  3. ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުންނަށް

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރިންގެ ނަންތައް އިއުލާން ކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރު ބޭނުންކުރެވޭނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކުން އުމްރާ ދަތުރު އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރަން ބޭނުންނަމަ އެކަން ކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ތާރީހް ފަހުން އިއުލާން ކުރެވޭއިރު، ގުރުއަތުން ހޮވޭ ފަރާތްތަކުގެ މަޢުލޫމާތު އެކުންފުނީގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް އިއުލާން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އެކުންފުނީގެ ހޮޓްލައިން 105 ގުޅުއްވުމަށް އަދި 1050 އަށް އެސްއެމްއެސް ކޮށްގެންވެސް ސާފުކުރެވޭނެކަމަށް އެކުންފުނީގެ ބަޔާނުގައިވެއެވެ.

އެމްޑަބްލިއުއެސްސީ އަކީ 1995 އިން ފެށިގެން ޚިދުމަތް ދެމުންދާ ކުންފުންޏެކެވެ. އަދި މިއަދު އެކުންފުނީގެ ފަރާތުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ޚިދުމަތް ދެމުންދެއެވެ.

ގުޅުންހުރި ލިޔުންތައް