ހޮނިހިރު, މާރޗް 15, 2025
spot_img
- Advertisement -spot_img

އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަންހެނުން ތެދުވަންޖެހޭ: މެޑަމް ސާޖިދާ

އަންހެނުންނަށް ކުރާ ފުރައްސާރައަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެކަމާ ދެކޮޅަށް އަންހެނުން ތެދުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކޮންގްރެސް ޕާޓީން ބޭއްވި އަންހެނުންގެ ތަރާވީހުގައި ވާހަކަދައްކަވަމުނެވެ. އެކަމަނާގެ ވާހަކަފުޅުގައި އަންހެނުންނަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަގާމެއް ދެއްވާފައިވާ ބައެއް ކަމަށް ވިދޅުވަމުން އިސްލާމްދީނުގައި މަންމައަށް ދޭންޖެހޭ ޤަދަރު ބައްޕައަށްވުރެ ތިން ގުނަ އިތުރު ކަން ވަނީ ފާހަގަކުރެއްވިއެވެ.

”މިފަދަ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ހަމަހަމަކަމުގެ ވާހަކަދައްކާއިރު، އަޅުގަނޑުމެން ތަބީޢީ ގޮތުން ތަފާތު ބަޔަކަށް ވާއިރުގައި، އަޅުގަނޑުމެންގެ ގޮންޖެހުންތައް ތަފާތު ކަމަށްވާއިރު، އަޅުގަނޑުމެން މަސައްކަތު މާހައުލުގައި މަސައްކަތް ކުރަމުން އައިސް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ގޭތެރޭގެ ކަންކަންވެސް ބަލަހައްޓަން ތިބި މީހުން“ ސާޖިދާ ވިދާޅުވިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ކޮންގްރެސް ޕާޓީން ބޭއްވި އަންހެނުންގެ ތަރާވީހުގެ ތެރެއިން | ފޮޓޯ: ޕީއެންސީ

މީގެ އިތުރުން އެކަމަނާ ވިދާޅުވީ އަންހެނުންނަކީ އެއްކަމަކަށްވުރެ ގިނަ ކަންކަން ކުރާ ބައެއް ކަމަށާ، އެފަދަ މަސައްކަތްތެރި ބަޔަކަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރަމުންދާއިރު އަންހެނުން އެކަމަށް ހިތްވަރުދީގެން ނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އެފަދައިން ހިތްވަރު ދިނުމަކީ ވަރަށް ދެރަކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

”އެހެންވީމާ މިއަދު އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، މިގޮތަށް އަންހެން ބޭފުޅަކާ ދިމާކުރެވި މިގޮތަށް ދާއިރުގައި ދެންތިބި އަންހެން ބޭފުޅުން ނުކުމެ (އެފުރައްސާރަކުރެވޭ) މީހާގެ ދިފާޢުގައި މަސައްކަތް ކުރަން. މިއީ އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެއް ކަމަކީ“ ސާޖިދާ ވިދާޅުވިއެވެ.

މިއަދު މީސްމީޑިއާގެ އެކި މައްސަތަކުގައި ވަރަށް ގިނައިން، އެކި ގޮތް ގޮތުން އަންހެން ބޭފުޅުންނަށް ފުރައްސާރަ ކުރާތަން ފެންނަމުންދާ ކަން ފާހަގަކުރައްވައި ސާޖިދާ އިތުރަށް ވިދާޅުވީ، އެކަންކަން ހުއްޓުވަން އަންހެނުން ނުކުންނަންޖެހޭ ކަމަށެވެ. އަދި އެ ފުރައްސާރަ ކުރެވޭ މީހުންނާއެކީ އަންހެނުން މަސައްކަތް ކުރަންޖެހޭ ކަމަށް މެޑަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް