ޗެލްސީގެ ކޯޗުކަމުން ލިއަމް ރޮސެނިއާ ވަކިކޮށް އަނެއްކާވެސް އާ ކޯޗެއް ހަމަޖައްސައިފިއެވެ.
ޗެލްސީގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކިކުރުމަށްފަހު ރޮސެނިއާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހުއެވެ. ރޮސެނިއާގެ ކޯޗުކަމުގައި އެ ޓީމު ކުޅުނު 23 މެޗުގެ ތެރެއިން މޮޅުވީ 11 މެޗުންނެވެ. ރޮސެނިއާގެ ކޯޗުކަމުގައި ޗެލްސީން އެންމެ ފަހުން ކުޅުނު މެޗަކީ، މިދިޔަ އަންގާރަ ދުވަހުގެރޭ ލީގުގައި ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗެވެ.
އެ މެޗުން ބަލިވުމުން ޗެލްސީ މިހާރު އޮތީ 34 މެޗުން ލިބުނު 48 ޕޮއިންޓާއެކު ލީގުގެ 8 ވަނައިގަ އެވެ. މިއީ ޗެލްސީ ލީގުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ.
ޗެލްސީގެ ކޯޗުކަން މި ސީޒަނުގެ ނިޔަލަށް ހަވާލުކޮށްފައިވަނީ، ކަލުމް މެކްފާލޭންއާއެވެ.
ޗެލްސީއަށް ކުރިއަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އެފްއޭ ކަޕްގެ ސެމީފައިނަލްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.



