- Advertisement -spot_img

އައިޕީޔޫގެ ބައްދަލުވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

އިންޓަ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.

އައިޕީޔޫގެ 152 ބައްދަލުވުގައި ބައިވެރިވެ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް ތުރުކީއަށް ވަޑައިގަތީ މި މަހުގެ 13 ގައެވެ. އެމަނިކުފާނުގެ އަރިހުގައި މަޖިލިހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޖިލިހުގެ ރައީސް ވަނީ ތަގުރީރު ކުރައްވައިފައެވެ. އެމަނިކުފާނުގެ ތަގްރީރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރު ކުރުމަށް ގޮވާލެއްވިއެވެ.

އަބްދުއްރަހީމްގެ ތަގުރީރުގައި ތައުލީމާއި، ސިއްހީ ހިދުމަތާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން، ގޮތް ނިންމުމުގެ މަރުޙަލާތަކުގައި ޝާމިލުކުރުމުގެ ތެރެއިން، ރައްޔިތުން، ހާއްސަކޮށް ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ އުންމީދުތައް ނަތީޖާ ނެރެވޭފަދަ ގާނޫނުތަކާއި، ސިޔާސަތުތަކާއި، އަދި ބަޖެޓުތަކަށް ބަދަލުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މުހިންމު ދައުރެއް އަދާކުރާކަން ވެސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް