މިއަދު ފާހަގަކުރަމުންދާ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިން ރެޔާއިދުވާލު ކުރައްވަމުން ގެންދަވާ އަގުހުރި ހިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްފަށުން ޝުކުރު އަދާކުރައްވައިފިއެވެ.
ސިފައިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންގެ 134 އަހަރުގެ ދިގު ތާރީހުގައި ހިދުމަތްތެރީންގެ ލިސްޓު ރަންއަކުރުން ފަވައިދީފައިވަނީ ޝަހީދުންނާއި، މުޖާހިދުންގެ އިތުރުން ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށްދިން ހިތްވަރުގަދަ އެތައް ދަރީންނެއްގެ ނަމުން ކަމަށެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ރުކުރުވާލާފައިވާ އެންމެ ބިޔަ އަދި އެންމެ ގާބިލް ލަޝްކަރަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ލޮބުވެތި ދިވެހި ސިފައިންނެވެ.
”ދިވެހި ގައުމަށްޓަކައި ރެޔާއިދުވާލު ތިޔަކޮށްދެއްވަވާ އަގުހުރި ހިދުމަތަށް ފަށްފަށުން ޝުކުރު ދަންނަވަން،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި އުފާވެރި މުނާސަބަތުގައި ރައީސް ވަނީ ދިވެހި ސިފައިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ސިފައިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.



