ޖަރުމަނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހިޕް (HiPP) މަރުކާގެ ކުޑަކުދީންގެ ކާނާގައި ވިހަ މާއްދާއެއް ހިމެނޭ ކަމަށް ޝައްކުކުރެވޭތީ، އެ ތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިރޭ އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު އެލާޓެއްގައި ބުނެފައިވަނީ، އޮސްޓްރިއާގެ ބާޒާރުގައި ހުރި ހިޕް މަރުކާގެ ކުޑަކުދީންގެ ކާނާގެ އުފެއްދުންތަކުގައި ވިހަ މާއްދާއެއް ކަމަށްވާ ”ރޮޑެންޓްސައިޑް“ އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ އުފެއްދުންތައް ބާޒާރުން އަނބުރާ ނެގުމަށް އަންގާފައިވާ ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން މިހާރު ވަނީ ހާއްސަ ތަހުގީގެއް ފަށާފައެވެ. އެމްއެފްޑީއޭ އިން ފާހަގަކުރި ގޮތުގައި، މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމެއް ނޫނެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް މި އުފެއްދުން ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތް ކަމަށް އެ އޮތޯރިޓީން ދެކެއެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަރުކާގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެނުކުރުމަށާއި، ނުވިއްކުމަށާއި، އަދި އެއްވެސް ފަރާތަކުން މި ތަކެތި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.



