- Advertisement -spot_img

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް އެޅުމަށް ހަމެޖހިފައިވާ ފިޔަވަޅުތައް އިއުލާންކޮށްފި

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.

މިކަންތައްތައް އިޢުލާންކޮށްފައިވަނީ މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ މިއަދު ދެއްވި ޚާއްސަ މެސެޖުގައެވެ.

ވަޒީރު މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި:

ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުން.

މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީނު ކުރުން.

ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް މަސައްކަތްކުރުން.

”މުޅި ޤައުމަށް ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ކެރުންތެރިކަން ހޯދައިދިނުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ. އަންހެނުންނަށް ހަމަހަމަކަމާއެކު މަސައްކަތްކުރާ ދަނޑުވެރިކަމުގެ ދާއިރާއެއް އުފެއްދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އަންހެނުން ދުވަހުގެ ތަހުނިޔާ އެންމެހާ އަންހެން ބޭފުޅުންނަށް ވިދާޅުވެފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާގައި އަންހެނުން އަދާކުރާ މުހިންމު ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް