މުދަލު ޒަކާތަކީ މުޖުތަމަޢުގެ އިޤުތިޞާދީ ފަސޭހަކަން ކަށަވަރުކޮށްދޭ އިލާހީ ފުރިހަމަ ނިޒާމެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިފައިވާ މި މަތިވެރި އަޅުކަމަކީ ހަމައެކަނި ފަޤީރުންނަށް ދެވޭ އާދައިގެ ޞަދަޤާތެއް ނޫންކަން ބަޔާންކުރައްވަމުން ޚުޠުބާގައި ފާހަގަކުރެއްވީ، އެއީ މުޖުތަމަޢުގެ އިޤުތިޞާދީ ފަސޭހަކަން ކަށަވަރުކޮށްދޭ އިލާހީ ފުރިހަމަ ނިޒާމެއް ކަމަށެވެ. އަދި ނަމާދެކޭ އެއްފަދައިން މާތް ﷲ އާއި އަޅާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދިނުމުގެ އިތުރުން، އިންސާނުންނާ ދެމެދު އޮންނަ ގުޅުން ވެސް ޒަކާތުގެ ސަބަބުން ބަދަހިވެގެންދާކަން ވަނީ ސާފުކޮށްދެއްވާފައެވެ.
ކީރިތި ޤުރުއާނުގައި ވަރަށް ގިނަ ފަހަރު ނަމާދާ އެކު ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައިވުމުން މި ދެ ރުކުނުގެ ގުޅުން ވަރަށް ރަނގަޅަށް ހާމަވެއެވެ. ބަހަވީ ގޮތުން ބަލާއިރު ޒަކާތަކީ ޠާހިރުކުރުމާއި އިތުރުވުމަށް ކިޔާ ނަމަކަށް ވާއިރު، އޭގެ ސަބަބުން އިންސާނާގެ ކިބައިގައި ހުންނަ ދަހިވެތިކަމާއި މުދަލަށް ދަހިކުރުމުގެ ނުބައި ސިފަތަކުން ހިތް ސާފުކޮށްދެއެވެ.
އަދި އޭގެ ބަދަލުގައި އިންސާނާގެ މުދަލަށް މިންކުރަން ނޭނގޭހާ ގިނަގުނަ ބަރަކާތް ލައްވާނެކަމުގެ ޔަޤީންކަން ޚުޠުބާގައި ދެއްވިއެވެ. މިއީ މުޖުތަމަޢުގައި ތަފާތުކުރުންތައް ނައްތައިލައި، އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ކަނޑައެޅިފައިވާ ނުހަނު ކުޑަ މިންވަރެއްކަން ޚުޠުބާގައި ތަފުޞީލުކޮށްދެއްވިއެވެ.
ތާރީޚަށް ނަޒަރު ހިންގައިލާއިރު، ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޚިލާފަތުގައި މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރެވި، ޒަކާތް ހަވާލުކުރާނެ ނިކަމެއްޗަކު މުޖުތަމަޢުން ނުފެނުނުކަން ޚުޠުބާގައި މިސާލެއްގެ ގޮތުން ނެންގެވިއެވެ. މުދާ ޖަމާކޮށްފައި ބެހެއްޓުމަކީ އޭގެ ސަބަބުން މުދަލުން ބަރަކާތް ކެނޑިގެންދާނެ ކަމެއްކަން ހަނދާންކޮށްދެއްވަމުން ޚުޠުބާ ނިންމައިލެއްވީ، ދުނިޔެމަތީގައި އިޚުލާޞްތެރިކަމާ އެކު ޒަކާތް ނެރެފި މީހަކަށް ޤިޔާމަތް ދުވަހުގެ ގަދަފަދަ ހޫނުން ސަލާމަތްވެ، މާތް ﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބިގެންދާނެކަމުގެ އުފާވެރި ޚަބަރު ދެއްވަމުންނެވެ.



