ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދިވެހިރާއްޖެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބީއެއް ޙާޞިލްކުރަނީ ހީވާގި ދިވެހި އަންހެނުންގެ ބައިވެރިވުމާއި އެއްބާރުލުމާއިއެކު: ރައީސުލްޖުމްހޫރިއްޔާ

އަންހެނުންގެ ދައުރާއި ވާގިވެރިކަން ނެތި އެއްވެސް ޤައުމެއް، ވަޠަނެއް، ދެމި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގުގައި އެމަނިކުފާނު ވިދާޅުވީ ތަޢުލީމާއި، ޞިއްޙަތާއި، އިޖްތިމާޢީ އަދި މި ނޫން ޚިދުމަތްތަކާއި، ވެރިކަން ހިންގުމާއި، ވިޔަފާރިއާއި އިޤްތިޞާދީ މަސައްކަތްތަކާއި އަދި މުޖްތަމަޢެއްގެ ދިރުމާއި ކުރިއެރުމާއި ގުޅިފައިވާ ކޮންމެ ކަމެއްވެސް ހިނގަމުންދާނީ އަދި ކާމިޔާބުވެ ކުރި އަރާނީ، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ، މުޖްމަތަޢުގައި އަންހެން ދަރީންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ސަރުކާރު ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއިއެކު އަންހެނުންނަކީ ފުދުންތެރި ބާރުވެރި ބަޔަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހި ތާރީޚުގެ އެންމެ އެވޭލާ ލިޔެކިޔުންތަކުގައިވެސް ދިވެހި އަންހެނުންގެ ހީވާގިކަމާއި، މުރާލިކަމާއި، ގެވެހިކަމާއި، ސާފުތާހިރުކަމަށް ލޯބިކުރުމާއި، ޤައުމީ އަދި އިޖްތިމާޢީ ކަންކަމުގައިދޭ ބޮޑު އަހައްމިއްޔަތުގެ ވާހަކަތައް ފެންނާން އެބަހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް، ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިންގެ ގޮތުގައި އެ މަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

އަދި އަންހެނުންނީ ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުންތަކެއް ކަމަށާއި، ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތާއި، ތަޢުލީމީ ދާއިރާ ފަދަ، މުޖްތަމަޢުގެ ދެމިއޮތުމާއި ކުރިމަގަށް މުހިންމު މައިދާންތަކުގައި ގިނައީ އަންހެން ޚިދުމަތްތެރީންކަމަށާއި، ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެން ކުޅުންތެރީން ހާސިލުކުރާ އަރުތަ ގިނަގުނަކަން ފާހަގަކުރައްވާފައިވެއެވެ.

އަދި މީގެއިތުރުން ”އަންހެނަކަށް އުނގަންނައިދިނުމަކީ ޖީލަކަށް އުނގަންނައިދިނުން“ ކަމަށް ބުއްދިވެރި ބަހެއްގައި ބުނާކަން ފާހަގަކުރައްވަމުން، ސާނަވީއާއި މަތީ ސާނަވީ އަދި ޔުނިވަރސިޓީ ތަޢުލީމުގެ މަރުޙަލާގައިވެސް ދިވެހި އަންހެން ކުދީން ގިނައިން އުނގެނޭއިރު، މަތީ ނަތީޖާ ހޯދާ ގިނަ ދަރިވަރުންނަކީވެސް އަންހެން ދަރީންކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު ވަނީ މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އޮތް ހެޔޮ ފާލެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާ ހިނދު، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮ ގޮތުގައި ކަނޑައަޅައިދީ، މުޖްމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަޤާމް މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، އަދި ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ކަމާއި، އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ހަނދާންކޮށްދެއްވިއެވެ.

އަދި މީގެ އިތުރުން މުއުމިނުތަކުންގެ މައިކަމަނާއިން ކަމުގައިވި، ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންގެ ބައެއް ޚިދުމަތްފުޅުތައްވެސް، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް