ދެ މެޗުގެ ޖުމުލަ އެގްރީގޭޓުން 3-2އިން ބާސެލޯނާ ކަޓުވާލައި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް ދަތުރު ކޮށްފިއެވެ.
ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުން 2-0އިން ކާމިޔާބުކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑެވެ.
ދެވަނަ ލެގުގެ ފުރަތަމަ 26 މިނިޓްގައި ދެ ގޯލު ޖަހައި ބާސެލޯނާ ކުރި ހޯދިއެވެ. ނަމަވެސް 31 ވަނަ މިނިޓްގައި ލުކްމަން ޖެހި ގޯލުން އެތެލެޓިކޯ މެޗުގެ ކޮންޓްރޯލް ހޯދަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފުގައި ބާސެލޯނާ އަށް އެއްގޮތަކަށް ވެސް ނުކުޅެވުނެވެ. އަދި މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ޑިފެންޑަރު އެރިކް ގާސިއާ އަށް ރަތްކާޑު ދައްކައި ފޮނުވާލިއެވެ.
މިއީ މި ސީޒަނުގައި އެތްލެޓިކޯއިން ބާސެލޯނާ ކަޓުވާލި ދެ ވަނަ މުބާރާތެވެ. ކޮޕާ ޑެލްރޭގެ މުބާރާތުން ބާސެލޯނާ ކެޓީ ވެސް އެތްލެޓިކޯ މެޑްރިޑް އަތުން ބަލިވެގެންނެވެ.



