އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ތިން ސިންތެޓިކް ޓްރެކް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ އެ ތިން ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ އައްޑޫ، ތިނަދޫ އަދި ފުވައްމުލަކުގައި ކަމަށެވެ.
ކުޅިވަރު ވުޒާރާގެ މަސައްކަތްތައް ކުރިޔަށްދާގޮތް ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މި ތިން ޓްރެކްގެ ކުރެހުންތައްވެސް މިހާރު އިންޑިއާއާއި ހިއްސާކޮށްފައިވާކަމެވެ.
އަދި އެ ތިން ޓްރެކްގެ މަސައްކަތާއި ގުޅޭ ލިޔެކިއުންތައްވެސް ލިބެމުންދާ އިރުޝާދުތަކާއި އެއްގޮތަކަށް މިނިސްޓްރީން ފުރިހަމަ ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މީގެކުރިން މީގެ ތެރޭގައި ކުޅުދުއްފުށީގައި އޮތް ޓްރެކް ވެސް ހިމެނިފައި އޮތް ކަމަށާއި އެހެންނަމަވެސް މިހާރު ކުޅުދުއްފުށީ ޓްރެކްޓްގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކަމަށެވެ.
އަދި ކުޅުދުއްފުށީ ޓްރެކް އެޅުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތް ވަނީ ނިމިފައިކަމަށާއި، އަދި ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



