- Advertisement -spot_img

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ކޮންގްރެސް ޕާޓީން ބުނީ އެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށެވެ. ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ޕާޓީގެ ވެބްސައިޓް www.pnc.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. ފޯމާ އެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހެއެވެ.

ޝަރުޠު ފުރިހަމަވާ އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި ނަމަ، ޕާޓީގެ ކެންޑިޑޭޓު ކަނޑައަޅާނީ ޕްރައިމަރީ އިންތިޚާބަކުންނެވެ. ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ޝަރުޠު ފުރިހަމަވެގެން ކުރިމަތިލީ އެންމެ ފަރާތެއް ނަމަ، ޕްރައިމަރީއަކާ ނުލައި އެ ފަރާތަކަށް ޓިކެޓު ކަނޑައެޅޭނެއެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ޙައްޤު ލިބޭނީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ކޮންގްރެސް ޕާޓީގެ މެންބަރުންނަށާއި، އެޕްރީލް 13 ވީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށެވެ. ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓު އެޕްރީލް 20 ގައި ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރާނެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ޖޫން ހައެއްގައެވެ.

ގުޅުންހުރި ލިޔުންތައް