- Advertisement -spot_img

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ޖޫން 6 ގައި

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މި  ބައި-އިލެކްޝަން ބާއްވަން އީސީން ނިންމީ ކުރިން އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، މިމަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެނީ އީމެއިލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެންނެވެ.

މި އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމާއި، ސުންނަތް ޖަމާއަތުގެ މުސްލިމަކަށްވުމުގެ އިތުރުން އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެ އެވެ. އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެ އެވެ. މީގެ އިތުރުން، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ޙުކުމެއް ތަންފީޛުކުރަމުންދާ މީހުންނާއި، އެފަދަ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މާފްކުރެވުނުތާ ތިން އަހަރު ނުވާ ފަރާތްތަކާއި ފަނޑިޔާރުންނަށް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ކޮންމެ ކެންޑިޑޭޓަކުވެސް ފޯމު ހުށަހެޅުމުގެ ކުރިން ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އިންތިހާބަށް ކުރިމަތިލާއިރު އިދާރީ ފީއެއްގެ ގޮތުގައި 5,000 ރުފިޔާ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދައްކަންޖެހޭނެ އެވެ. ސިޔާސީ ޕާޓީއެއްގެ ފަރާތުން ނޫން ގޮތަށް އަމިއްލަގޮތުން ކުރިމަތިލާ ފަރާތްތަކުން، އެ ދާއިރާއެއްގެ ވޯޓުދިނުމުގެ ހާއްގު ލިބިފައިވާ މަދުވެގެން 50 މީހުންގެ ތާއީދު އޮތްކަން ހާމަކުރާ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

ފޯމާއެކު ކުށާއި ދަރަނީގެ ރެކޯޑުތަކުގެ އިތުރުން ބޭންކް އެކައުންޓް މައުލޫމާތާއި، ކެންޑިޑޭޓުގެ ފޮޓޯ އަދި ބޭނުންކުރާނެ ނިޝާން ނުވަތަ ލޯގޯ ހުށަހަޅަންޖެހޭނެ އެވެ. ކޮމިޝަނުން ބުނެފައިވަނީ އީމެއިލް މެދުވެރިކޮށް ފޯމު ފޮނުވާއިރު ފައިލްތަކުގެ ސައިޒު 10 އެމްބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށެވެ.

ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުއެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވާ ހޯމަ ދުވަހުއެވެ. މި އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން މިހާރު ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް