- Advertisement -spot_img

ފްލައިދުބާއީން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކާގޯ ދަތުރުތައް ފަށަނީ

ފްލައިދުބާއީ އެއާލައިނުން ރާއްޖެއަށް ޚާއްޞަ ކާގޯ ދަތުރުތަކެއް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.

މިއީ އެ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކާގޯ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.

ފްލައިދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވި ގޮތުގައި، މި ދަތުރުތައް ކުރުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ދީފައެވެ.

މި ޚާއްޞަ ކާގޯ ދަތުރުތައް މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިގޮތަށް މުދާ އުފުލުމުން ބޯޓުގައި ގިނަ އަދަދެއްގެ މުދާ ގެނައުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ދަތުރުތަކަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ފަށާ ދަތުރުތަކެކެވެ.

ފިރާގު ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ފްލައިދުބާއީން އިސްނަގައިގެން މި ފެށި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މުދާ ލިބުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް