މުދަލު ޒަކާތުގެ ގޮތުގައި މާޗް މަހުގެ ނިޔަލަށް 45 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު 6.05 މިލިއަން ރުފިޔާ، ފެބްރުއަރީ މަހު 11.8 މިލިއަން ރުފިޔާ އަދި މާޗް މަހު 27.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މުދަލު ޒަކާތުގެ ގޮތުގައި މި އަހަރު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފަ އެވެ. ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 34.8 މިލިއަން ރުފިޔާއެވެ.
ރާއްޖޭގައި ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެން ކަމަށާއި ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެއެވެ. މުދަލު ޒަކާތުގެ ނިސޯބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ ޑިސެމްބަރު 21، 2025 ގަ އެވެ. އެ ގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިސާބަކީ 19،527.90 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. މީރާއަށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭއިރު ކޮންމެ މީހަކުވެސް މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރު މީރާގެ ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ.



