ސްރީލަންކާގެ ބަނދަރުތަކުގައި ރާއްޖެއަށް ނުގެނެވި ތާށިވެފައި ހުރި ކޮންޓޭނަރުތަކުގެ އަދަދު، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ލަންކާ ބަނދަރުގައި ހުރި ކޮންޓޭނަރުތައް ރާއްޖެ ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ 8 އޭޕްރީލްގައި 4,241 ކޮންޓޭނަރު ތާށިވެފައި ހުރިކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 1,741 އަށް ތިރިކުރެވިފައި ކަމަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވިގޮތުގައި މާލޭ ބަނދަރުގައި މިހާރު ވެސް 1,200 ކޮންޓޭނަރުގެ މުދާ ހުސްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން 12 އޭޕްރީލްގައި 500 ކޮންޓޭނަރު، 13 އޭޕްރީލް ގައި 500 ކޮންޓޭނަރު، 14 އޭޕްރީލްގައި 1,000 ކޮންޓޭނަރު އަދި އިތުރު 500 ކޮންޓެއިނަރު ލަސްތަކެއްނުވެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއީ އިގްތިސާދީ ހަރަކާތްތައް އިތުރުވުމާއި ރަމަޟާން މަހާ ދިމާކޮށް މުދަލަށް އޮތް ޑިމާންޑް ބޮޑުވުމުން އައި ބަދަލެކެވެ.
އަސާސީ ކާބޯތަކެތި ގެންނަ މާކެޓްތައް އިތުރުކުރުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ޗައިނާ، އިންޑިއާ، ތައިލެންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ އެވެ.
ކަނޑުމަގުން މުދާ ގެނައުމުގެ އިތުރުން، އެއަރ ކާގޯގެ ޚިދުމަތް ވެސް ވަނީ ފުޅާކޮށްފައެވެ. ގިނަ އެއަރލައިންތަކުން ވަނީ ފްލައިޓްތައް އިތުރުކޮށް، ވައިގެ މަގުން މުދާ އެތެރެކުރާ މިންވަރު އިތުރުކޮށްފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮލަމްބޯއިން ފިނިކުރި މުދާ ގެނައުމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށާއި، ތެލުގެ ޝިޕްމަންޓްތައް އެއްވެސް މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމަށެވެ. އަދި ޗައިނާއާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން މުދާ އެތެރެކުރުމުގައި ބޮޑެތި ލުއިތަކެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.



