މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ފަރުހާތު ޝަހީރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިއީ ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބަދަލެކެވެ.
ފަރުހާތު މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އާންމުންގެ ބޮޑު ސަމާލުކަމެއް އެ ކުންފުންޏަށް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއި އުފެއްދުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން މަސްދަޅުގެ އަގު ބޮޑުކުރަން ކުރިން ނިންމި ނަމަވެސް، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ.
ފަރުހާތު މިފްކޯގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ މާޗު މަހުގެ 5 ވަނަ ދުވަހުއެވެ.
އޭނާ މި މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ވިޓާލީ ލުބިމޯވް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ފަރުހާތު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.



