- Advertisement -spot_img

ޑިއޭގޯ ގާސިއާއިން ސަލާމަތްކުރި ތަމަޅަ މީހަކު ރާއްޖެ ގެނެސްފި

2021 ވަނަ އަހަރު ކަނޑުމަތިން ސަލާމަތްކުރި އިތްނިކް ތަމަޅަ މީހުންގެ ގްރޫޕުގައި ހިމެނޭ އެންމެ ފަހު މީހާ، ޑިއޭގޯ ގާސިއާއިން ރާއްޖެއަށް ގެނެސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ”ދަ ޓެލެގްރާފް“ ނޫހުން ރިޕޯޓްކޮށްފިއެވެ.

”ކޭ.ޕީ“ ގެ ނަމުން ނަންދެވިފައިވާ މި މީހާ ރާއްޖެ ގެނައީ ޕްރައިވެޓް ޖެޓެއްގައެވެ.

އޭނާ ރާއްޖެއަށް ބަދަލުކުރަން ނިންމީ އީރާނުގެ މަސްލަހަތާ ގުޅުންހުރި ނުތަނަވަސްކަމެއްގެ ސަބަބުން ސަލާމަތީ ނުރައްކާތަކެއް ކުރިމަތިވެދާނެތީއެވެ.

މި ގްރޫޕުގައި ހިމެނޭ އެހެން 60 މީހުން އިނގިރޭސިވިލާތަށް ބަދަލުކުރި ނަމަވެސް، ކޭ.ޕީ އަށް ކުރެވޭ ޖިންސީ ފުރައްސާރަކުރުމާއި ހުޅުޖެހުމުގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ އެގައުމަށް ގެންގޮސްފައެއް ނުވެއެވެ.

ދިވެހި ސަރުކާރުން ވަނީ ކޭ.ޕީ ރާއްޖޭގައި 30 ދުވަހުގެ މުއްދަތަކަށް ހުރުމުގެ ހުއްދަ ދީފައެވެ. އޭނާ ރާއްޖޭގައި ހުންނަ މުއްދަތުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އިނގިރޭސި ސަރުކާރުންނެވެ. އޭނާއަށް އިނގިރޭސިވިލާތުން ހިމާޔަތް ދީފައިވާތީ، އޭނާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށަށް ނުވަތަ ފުލުހުންނާ ހަވާލު ނުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 30 ދުވަސް ހަމަވުމުން އޭނާއަށް ވާނެ ގޮތެއް އަދި ސާފެއް ނޫނެވެ.

މި ހާދިސާ ހިނގާފައި މިވަނީ ޗާގޯސް ޖަޒީރާގެ މިލްކުވެރިކަމާ ގުޅޭގޮތުން ބޮޑެތި ބަދަލުތަކެއް އަންނަނިކޮށެވެ:

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފައެވެ. މީގެ ބަދަލުގައި 99 އަހަރަށް، އަހަރަކު 100 މިލިއަން ޕައުންޑަށް ޑިއޭގޯ ގާސިއާގެ ބޭސް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.

ދިވެހި ސަރުކާރުން ވަނީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި އެއީ ރާއްޖޭގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރެއެވެ. މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ 2024 ނޮވެމްބަރު އަދި މިއަހަރުގެ ޖެނުއަރީ މަހު ވެސް އިނގިރޭސި ސަރުކާރާ މަޝްވަރާކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް